ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
މި ރިޕޯޓު ފާސްކުރީ ޖަލްސާގައި އެވަގުތު ތިއްބެވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓުންނެވެ. މީގެ ތެރޭގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނާއި އަމިއްލަ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ މުސާރަ ބޮޑުނުކުރުމަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މުސާރައަށް އިތުރު 22,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައެވެ. މި އިސްލާޙާއެކު މަޖިލީހުގެ ރައީސަށް މަހަކު ޖުމްލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ކުރިން މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާއެވެ.
މަޖިލީހުގެ ނައިބު ރައީސަށް 91,000 ރުފިޔާ އަދި މެންބަރުންނަށް ކޮމިޓީ އެލަވަންސާއެކު 82,500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މަޖިލީހުގެ ރައީސަށް އެލަވަންސް ދޭން ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58,500 ރުފިޔާއިން 75,500 ރުފިޔާއަށް ބޮޑުކުރުމަށްވެސް ކޮމިޓީ ރިޕޯޓުގައިވެއެވެ. މި ބަދަލު ގެނައީ ވަޒީރުންގެ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ޕެޓްރޯލް އެލަވަންސް 1,000 ރުފިޔާއިން 2,000 ރުފިޔާއަށް ބޮޑުކޮށް، ޑްރައިވަރުގެ މުސާރަ 6,500 ރުފިޔާއިން 12,000 ރުފިޔާއަށް ބޮޑުކުރިއެވެ. އަދި ޑްރައިވަރުގެ ލިވިން އެލަވަންސަށް 3,000 ރުފިޔާ އިތުރުކުރިއެވެ.
ވަޒީރުންގެ މުސާރައަށް ބަދަލު ގެންނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. މުއައްސަސާތަކާއި ފަނޑިޔާރުންގެ މުސާރައަށްވުރެ ވަޒީރުންގެ މުސާރަ ކުޑަކޮށް އޮތުމުން މުސާރައިގެ ފަރަގު ހަމަހަމަކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެއިތުރުން ރަށު ކައުންސިލަރުންނަށް އިތުރު 5,000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ރިޕޯޓުގައި ފާސްކުރިއެވެ. މި އެލަވަންސާއެކު ރަށު ކައުންސިލްގެ ރައީސުންނަށް 30,500 ރުފިޔާ އަދި ނައިބު ރައީސުންނަށް 25,000 ރުފިޔާ ލިބޭނެއެވެ. އަދި ރަށު ކައުންސިލް މެންބަރުންނަށް ލިބޭ މުސާރަ 23,000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.