ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެ އިސްލާހު ހުށަހެޅުއްވި މަގްސަދަކީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.
އަދި އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތަކާއި، ދައުލަތަށް ހިޔާނަތްތެރިވުމާއި ދައުލަތުގެ އިގްތިސޯދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީވެސް އިސްލާހު ހުށަހެޅުމުގެ މަގުސަކެވެ. މީގެ އިތުރުން އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަކީވެސް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ މަގްސަދެކެވެ.
އިސްލާހުގައިވާ ގޮތުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތަކާ ބައިވެރިވުން އަދި ރާއްޖޭގެ ދުޝްމަނަކާ އެއްބައިވެ އެފަދަ ފަރާތަކަށް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމެވެ.
އިސްލާހުގައިވާ ގޮތުން އެ ކުށްތަކަކީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެވެ. އެއިން ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އޭނާއަށް ޖަލު އަދަބު ކަނޑައެޅުމުގެ އިތުރުން، އެ މީހަކަށް ދުވަހަކުވެސް ދިވެހި ދައުލަތުގެ އިސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް އައްޔަން ނުކުރެވޭނެއެވެ.
އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ދުޝްމަނުންނަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، އެފަދަ އަމަލެއްގައި އެ މީހުންނާ ބައިވެރިވާ ދިވެހިންނެވެ.
ދުޝްމަނަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއް ކުރުމުގައި، އެއްވެސް ސިފައެއްގައި ދުޝްމަނަކަށް އެހީތެރިވުމުގެ އަމަލެއް ހިންގުންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީުހުގެ މާދަމާގެ ޖަލްސާއަށްް ވަނީ އެެޖެންޑާ ކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.