އިގުތިސާދަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ފޮނުވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށްް ވަނީ އެެޖެންޑާކޮށްފައެވެ.
މި އިސްލާހު ގެނައުމުގެ ބޭނުންތަކުގެ ތެރޭގައި، ދައުލަތުގެ އިގުތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގައި ވަނީ، ގައުމުގެ އިގުތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުކުރުމަކީ ކުށެއް ކަމަށެވެ.
ބިލުގައި ބުނެފައިވަނީ، ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއްނެތި، ގަސްތުގައި ވަކި ކަންތައްތަކެއްގެ ތެރެއިން ކަންކަން ކުރުމަކީ ކުށެއް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
މުހިންމު އުމްރާނީ ވަސީލަތްތަކަށް ނުވަތަ އެފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމެއް ހިންގުމަށް ހުރަސް އެޅުން
އަސާސީ ހިދުމަތެއް މެދުކަނޑުވާލުން، ނުވަތަ އެފަދަ ހިދުމަތް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ސިސްޓަމެއް ހިންގުމަށް ހުރަސް އެޅުން
އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން
އެ އަމަލެއްގެ ސަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގުތިސާދަށް ލިބުން
މީގެ ތެރެއިން "ބޮޑު އިގުތިސާދީ ގެއްލުމެއް ލިބުން" ކަމަށް ބުނެފައިވަނީ ދައުލަތުގެ އިގުތިސާދީ މަސްލަހަތަށް ލިބޭ ގެއްލުމެއްގެ ސަބަބުން ދައުލަތުގެ އިގުތިސާދީ ހަރަކާތްތަކަށް ބުރޫ އެރުމަށް ނުވަތަ ދައުލަތުގެ މާލީ ނުވަތަ އިގުތިސާދީ ދަށްވުމަށް ބިލުގައިވެއެވެ.
މި ބިލު ހުށަހަޅާފައިވާ އިރު، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއަށް ބިން ދޫކުރުމާ ދެކޮޅަށް އިދިކޮޅުން ދަނީ "ދިވެހިންގެ ބިން ދިވެހިންނަށް"ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ.
ބިލުގައިވާގޮތުން ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކު މިފަދަ ކުށެއް ކޮށްފިނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން މި ހަރަކާތުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް 10 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
މިފަދަ އަމަލެއް ހިންގީ އާންމު ފަރުދަކުނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު މި ކުށް ކޮށްފި ނަމަ، އެ މީހަކަށް ހަ އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަނޑައެޅޭނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.