ރައްޔިތުންގެ މެދުގައި ދީނީ ނަފްރަތު އުފެއްދުމާއި އިސްލާމްދީނާ އިދިކޮޅު ޢަމަލުތަކަށް ދެވޭ އަދަބު ބޮޑުކޮށް، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ހުށަހަޅުއްވައިފިއެވެ.

ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިސްލާމްދީނާ އިދިކޮޅު ޢަމަލުތަކަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މިހާރު އޮންނަ އުޞޫލުން މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ.

މީގެ އިތުރުން މިއީ ޖުނަޙުގެ ކުށަކަށް ވާތީ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާކުރުމާއި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ފުރުޞަތު މިހާރު އޮވެއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވާ ގޮތުން، ދުރާލާ ރާވައިގެން ރައްޔިތުންގެ މެދުގައި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމަށް ނުވަތަ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ނިޔަތުގައި ކުރާ ޢަމަލުތައް ދެން ބެލެވޭނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ކުށަށް އަސާސީ މިންގަނޑުން 1 އަހަރާއި 7 މަސް ދުވަހުގެ ޖަލު އަދަބެއް އަންނައިރު، ކުށުގެ ޙާލަތަށް ބަލައި 4 އަހަރާ ހަމައަށް ޖަލަށްލެވޭނެއެވެ. އަދި އެނޫން ޙާލަތްތަކުގައި އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 9 މަހާއި 2 އަހަރާ ދެމެދުގެ ޖަލު އަދަބެއް ލިބޭނެއެވެ.

މި ބަދަލާއެކު މި ކުށް ޖިނާޔަތުގެ ކުށަކަށް ބަދަލުވެގެންދާއިރު، ކުރިން އޮންނަ ޖޫރިމަނާގެ ލުއިތަކާއި ކަފާލާތުގެ ފުރުޞަތު ހަނިވެ، ކުށުގެ އަދަބު މިހާރަށް ވުރެ ހަރުކަށިވެގެން ދާނެއެވެ.