ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް އިންޝުއަރެންސް ދެވޭނެ ނިޒާމެއް ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި ޕެޓިޝަނަކީ 7،000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ. މަޖިލީހުގެ ތަޅުމުގައި މި ޕެޓިޝަނަށް ބަހުސްކުރުމަށްފަހު ދިރާސާކުރުމަށް ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ ދިރާސާކުރަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.
މެންބަރު އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށެވެ. ދައުލަތުގެ އެހެން ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ވެސް ހިމެނޭކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަމައެކަނި މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމަށްވުރެ، ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން ރައްޔިތުން ހުށަހެޅީ ކަންބޮޑުވުން އޮތުމުންކަން ބަލައިގަންނަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަ ބަދަލެއް ގެންނަން ޖެހޭނީ އިންޝުއަރެންސް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަމާބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައިގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް އިންޝުއަރެންސްގެ ކަންތައް ބަދަލުކުރުމަށް އަޒާން ހުށަހެޅުއްވިއެވެ. މިކަމަށް ތާއީދުކުރައްވަމުން ޑރ. ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަލަ ދިރާސާކުރުމަށެވެ. މެންބަރުންނަށް ދޭ ފަދަ ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދިނުމަކީ ހަރަދުކުޑަވާނެ ގޮތެއްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.