ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންނާ ސުވާލުކުރައްވައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އެންމެ އިސްކޮށް ކުރައްވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒާން ވަނީ މަޖިލީހުގެ މެންބަރުންގެ އަސާސީ ޒިންމާއަށް އަލިއަޅުވައިލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުންނަކީ އަމަލީ ގޮތުން މަޝްރޫއުތައް ހިންގަން ތިބޭ ބައެއް ނޫން ކަމަށާއި، އެ ބޭފުޅުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުން އެދޭ ގޮތަށް އަދި ބޭނުންވާ ދުވެލީގައި ސަރުކާރުން އެ މަޝްރޫއުތައް ކުރިއަށްގެންދާކަން ކަށަވަރުކުރުމެވެ.
ސަރުކާރާ ދެކޮޅު ވިސްނުމުގައި މަޖިލީހަށް އިންތިހާބުކުރާ މެންބަރުންގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތްކަން ފާހަގަކުރައްވަމުން އަޒާން ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަބްދުﷲ ސޯދިގު މަޖިލީހަށް އިންތިހާބުކުރުމުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވާފައިވާކަން ހަނދާންކޮށްދެއްވަމުން، އަޒާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ގައުމުގެ ހަމަޖެހުން ނަގައިލުމަށް ކަމަށެވެ.
އައްޑޫ ސިޓީ ތަމްސީލުކުރައްވާ އެމްޑީޕީގެ ދެ މެންބަރުން މަޖިލީހުގައި މިހާރުވެސް ތިއްބެވިކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމާއި ކޮމިޓީތަކުގައި އައްޑޫގެ ތަރައްގީއަށް ވަކާލާތުކުރައްވަނީ ޕީއެންސީގެ މެންބަރުން ކަމަށެވެ. މީގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕަމެޖޯރިޓީ އޮތްއިރުވެސް، އެ ޕާޓީގެ ސަރުކާރުގެ ވަޒީރުން ހާޒިރުކޮށް ސުވާލުކުރަން އެމްޑީޕީގެ މެންބަރުންނަށް ކެރިވަޑައިނުގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދުގެ މަސައްކަތުގެ ރޫހަށް ތައުރީފުކުރައްވަމުން، ސައީދަކީ ކަންކަން ނުވުމުން އެންމެ ގިނައިން ގުޅުއްވައި ފަހަތުން އުޅުއްވާ ބޭފުޅެއްކަމަށް އަޒާން ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ މަޝްރޫއުތައް ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާ އެކު ބޭއްވުނު ބައްދަލުވުމެއްގައި އެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު