ދިވެހިރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނަޢީމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ރައީސް އަދި އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ ޓޯ ލާމްއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ ވިއެޓްނާމްގެ ވެރިރަށް ހަނޯއީގައެވެ.

ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ވަނީ ރަސްމިއްޔާތުގައި ފަތްކޮޅު އެރުވި އައު ސަފީރުންނަށް މަރްހަބާ ވިދާޅުވެފައެވެ. އަދި އެ ބޭފުޅުންގެ ސަފީރުކަމުގެ ދައުރުގައި ޒިންމާތައް އަދާކުރެއްވުމުގައި، ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ސަފީރު މަރްޔަމް މިދްފާ ނަޢީމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ވިއެޓްނާމްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.