މީހުން އުފުލުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ އިލެކްޓްރިކް ޑްރޯން ނުވަތަ އީވީޓޯލް އުޅަނދެއްގެ ޑެމޮންސްޓްރޭޝަން ދަތުރެއް ރާއްޖޭގައި އަލަށް ހުޅުމާލޭގައި މިއަދު ބާއްވައިފިއެވެ.
ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަޙައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި އުދުއްސާފައިވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ "މޭންޑް ޑްރޯން" އެކެވެ. މި ހަރަކާތް މާދަމާ ހެނދުނު 8:45 ގެ އިތުރުން ހަވީރުގެ ވަގުތެއްގައިވެސް ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
މި އިވެންޓުގައި ދައްކާލި އުޅަނދަކީ ކޫލްފްލައި ކުންފުނީގެ އެއް ޖާގައިގެ "ޑްރީމް އެސްޓީ" މޮޑެލްގެ އީވީޓޯލެކެވެ. އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ) އުޅަނދުތަކަކީ ކަރަންޓުގެ ބާރުގައި ދުއްވާ، ހެލިކޮޕްޓަރު ފަދައިން ސީދާ މައްޗަށް އެރުމާއި ތިރިކުރުމުގެ ޤާބިލުކަން ލިބިފައިވާ، ތިމާވެއްޓަށް ގެއްލުން ކުޑަ އަދި އަޑުމަޑު ޒަމާނީ އުޅަނދުތަކެކެވެ.
މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ޗައިނާއިން ހޯދާފައިވާ މުހިންމު ތާރީޚީ ކާމިޔާބީއެކެވެ. އަދި ރާއްޖެ ފަދަ ކުދި ރަށްތަކަކަށް ބެހިފައިވާ ޤައުމެއްގައި، ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށާއި އަވަސް ދަތުރުފަތުރުގެ ޚިދުމަތްތަކަށް މިފަދަ ޓެކްނޮލޮޖީއަކީ ވަރަށް އުއްމީދީ ފުރުޞަތުތަކެއް ފަހިކޮށްދޭނެ ކަމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.