އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އެންގުމާ ގުޅިގެން، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ އެހެން ފަރާތްތަކުން ވެސް ފައިސާ ދެއްކުމަށް އެ ކުންފުންޏަށް ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

އެފްޑީސީން 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން ނޯޓިސް ފޮނުވާފައިވަނީ އަމާން އުދަރެސް ދެ ޔުނިޓެއްގައި ދިރިއުޅޭ މީހުންނަށެވެ. އެއީ ފްލެޓަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ ތިބި މީހުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެ ދެ ފްލެޓް ހުސްކުރަން އެންގީ ހުޅުމާލެ 2 ގެ އަމާން ޓަވަރުތަކުގައި ހުންނަ އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ދިނުމަށްފަހުގަ އެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ނުދެއްކުމުން އެ ކުންފުނިން ވަނީ އެއްބަސްވުން ބާތިލްކޮށް، އެ މީހުންނަށް ދީފައިވާ އެފްޑީސީ ޕޯޓަލް އެކައުންޓުގެ އެކްސެސް ވެސް ކަނޑާލައިފައެވެ.

އިޝްތިހާރު އިޝްތިހާރު

ހަމްދާން ވިދާޅުވި ގޮތުގައި ފްލެޓް ހުސްކުރަން އެންގި ފިޔަވަޅާ އެކު، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ ގިނަ ފަރާތްތަކަކުން އަންނަނީ ކުލި ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް އެފްޑީސީއާ ގުޅަމުންނެވެ. މިހާރު ނޯޓިސް ފޮނުވާފައިވާ މީހުންގެ ތެރޭގައި ގިނައީ އެކެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކާ ތިބި މީހުންނެވެ.

އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ނުދައްކާ ހުރި ކުލި ބަހާލައިގެން ދެއްކޭނެ އިންތިޒާމު އެފްޑީސީން ހަމަޖައްސައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކުންފުނިން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓެއް އެބަހުއްޓެވެ.

އެފްޑީސީން ފްލެޓް ދޫކުރުމުގެ އެއްބަސްވުންތައް ހަދާފައިވަނީ ގަވާއިދުން ކުލި ނުދައްކާ ނަމަ އެ ތަންތަން އަތުލުމުގެ ގާނޫނީ ބާރު އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.