ހުޅުމާލޭ ރީތި ގަސް މަގުގައި ހުރި ގަސްތަކުގައި ހުވަނި އަޅާތީ، ހުވަނި ނައްތާލުމަށް ބޭސްޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި އެ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރީތި ގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ގަސްތަކަށް ބޭސްޖެހުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުވަނި މެރުމަށް ބޭސްޖެހުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މާދަމާ ހެނދުނު 9:00 ގެ ކުރިން ރީތި ގަސް މަގުގެ ދެފަރާތުގައި، ހާއްސަކޮށް ހުވަނީގެ އަސަރުކޮށްފައިވާ ދަނބު ގަސްތަކުގެ ދަށުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް ނަގައިދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މީގެއިތުރުން، އެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް ޕާކުނުކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުވަންޏަކީ މޫސުމީ ގޮތުން ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ފަންޏެކެވެ. މި ފަނީގެ ގައިގައި ހުންނަ ކަށިތަކުގައި ޖެހުމުން ހަންގަނޑު ދުޅަވެ، ރަތްވެ އަދި ގަދައަށް ހިރުވުން ފަދަ އުނދަގޫތައް މެދުވެރިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.