ކޯޓުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ ޢަމަލެއް ހިންގައިފިނަމަ 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ތިން މަސް ދުވަހުގެ ޖަލު ޙުކުމެއް ކަނޑައެޅޭ ގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި އިޞްލާޙުގައި ވަނީ ޝަރީޢަތުގެ މަޖިލީހުގެ އެތެރޭގައާއި ކޯޓުން ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަންކަން ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
ޤާނޫނު މިހާރު އޮންނަ ގޮތުން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ 10،000 ރުފިޔާގެ ޖޫރިމަނާއެއް ނުވަތަ ތިން މަހުގެ ޖަލު ބަންދެކެވެ. ނަމަވެސް، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ވަކިވަކި ޙާލަތްތަކާއި ޚިޔާލުފާޅުކުރުމުގެ އިމުގެ ތެރެއިން އިސްތިސްނާވާނެ ކަންކަން މިހާރުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
އަލަށް ހުށަހެޅި ބިލުގައިވާ ގޮތުން، ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް މަލާމާތްކުރުމާއި، ހުއްދަނެތި އަޑާއި މަންޒަރު ރެކޯޑުކުރުމާއި، ނިޒާމު ގެއްލުވާލުން އަދި ހެކިބަސް ދޭން އިންކާރުކުރުން ފަދަ ކަންކަމަކީ ހުރުމަތް ކެނޑުމެވެ. މިފަދަ ކަމެއް މަޖިލިސް ތެރޭގައި ކޮށްފިނަމަ 25،000 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހަށް ޖަލަށް ލެވޭނެއެވެ.
ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކޯޓުގެ ޙުކުމްތަކަށް ގަސްދުގައި ނުކިޔަމަންތެރިވުމާއި، ޝަރީޢަތްތަކަށް ހުރަސްއެޅުމަށް ބިރުދެއްކުމާއި ރިޝްވަތު ދިނުމުގެ އިތުރުން، ފަނޑިޔާރުންނާ މެދު އިތުބާރު ގެއްލޭ ގޮތަށް ދޮގު މަޢުލޫމާތު ފެތުރުމަކީ ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެއެވެ. މިފަދަ ޙާލަތްތަކުގައި 100،000 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ ތިން މަހަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރަށް ލިބެއެވެ. ޖަލު އަދަބު ކަނޑައެޅޭނީ އެ ޢަމަލަކީ ގަސްދުގައި ހިންގި ކަމެއްކަން ސާބިތުވާނަމައެވެ.
މި އިޞްލާޙުގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވެސް ރިޢާޔަތްކޮށްފައިވެއެވެ. އެގޮތުން، ޝަރީޢަތްތަކުގެ ތެދު މަޢުލޫމާތު ޝާއިޢުކުރުމާއި، ފަނޑިޔާރުންގެ ނިންމުންތަކާއި ސުލޫކަށް ހެޔޮ ނިޔަތުގައި ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަކަށް ނުބެލެވޭނެއެވެ. އަދި ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވާން ފުރުޞަތު ދޭންޖެހޭނެ ކަމަށާއި، ހެޔޮ ނިޔަތުގައި މަޢާފަށް އެދިއްޖެނަމަ އަދަބު ލުއިކުރުމުގެ އިޚްތިޔާރު ކޯޓަށް އޮންނާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.