ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަމީރު އެ މަޤާމަށް ޢައްޔަންކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި މަޤާމަށް ސަމީރު ޢައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަންފުޅު ފޮނުއްވީ މި ހިނގާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެއަށްފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އޭނާއަށް ރުހުން ދިނުމަށް ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވާ މަޤާމަށް ބޭފުޅަކު ޢައްޔަންކުރަން މި ނިންމީ، އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު އަންނަ މަހު ރިޓަޔަރ ކުރައްވަން ނިންމަވާފައިވާތީއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ސަމީރުގެ ނަންފުޅު ފޮނުއްވިއިރު، މި މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްވެސް ކުރިމަތިލެއްވިއެވެ.
ޢަލީ ސަމީރަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2011 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން 2022 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާއިރު، މެއި 2022 އިން އޮކްޓޫބަރު 2024 ގެ ނިޔަލަށް އޭނާ ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ.
ޤާނޫނުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަޖިލީހުން ބޭފުޅަކު ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަޤާމަށް ޢައްޔަންކުރައްވަން ޖެހެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.