ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށާއި ޝަރުޢީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާޙު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤެވެ. މި ބިލު ފާސްވެ ޤާނޫނަކަށް ވެގެން ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން، ހުޅުމާލޭ ކޯޓު އުވާލުމާ ގުޅިގެން އެ ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ބަދަލުކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ މުވައްޒަފުންގެ ވަޒީފާގެ އެންމެހައި ކަންކަން ހަމަޖައްސަންޖެހޭއިރު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 20 ދުވަހުގެ ތެރޭގައި އެ ކޯޓުގެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި ބިލުގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި، ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 11 އިން 15 އަށް އިތުރުކުރުމާއި، މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި ދާއިމީކޮށް ޤާއިމުވެ ހުންނާނެ މެޖިސްޓްރޭޓަކު ހުރުން ލާޒިމުކުރުން ހިމެނެއެވެ.
ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2012 ވަނަ އަހަރުގައެވެ. މިހާރުވެސް ކްރިމިނަލް ކޯޓުގެ ޚިދުމަތް ހުޅުމާލޭގައި ދެމުން އަންނައިރު، މާލޭގެ ސުޕީރިއަރ ކޯޓުތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ޒަމާނީ ފެންވަރުގެ ކޯޓު ކޮމްޕްލެކްސްއެއް ބިނާކުރުމުގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ދަނީ ކުރިއަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.