ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15އަށް އިތުރުކުރުން ހިމެނޭހެން ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރުއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިހުތިސާސް ކަނޑައެޅިގެންވާ ގޮތާއި، ކޯޓުތަކުގެ އިސް މަގާމުތައް ހަމަޖެހިގެންވާ ގޮތާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުމާއި، ކޯޓުތަކުގެ މާލީ ހިންގުމާއި، އެނޫންވެސް ކޯޓުތަކާބެހޭ ކަންކަން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުންކަމަށް ބިލުގައިވެއެވެ. އެގޮތުން، މި ބިލުން ގާނޫނަށް ގެންނަ މައިގަނޑު އިސްލާހުތަކަކީ:

އިޝްތިހާރު އިޝްތިހާރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުން.
ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅޭ އަދި ހިނގަމުންދާ މައްސަލަތަކުގެ ނިސްބަތުން އެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން.
މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި، އެ ރަށެއްގައި ގާއިމުވެ ހުންނަ ފަނޑިޔާރަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ހުންނަންވާނެކަމަށް ކަނޑައެޅުން.
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި، "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ވަކި އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ ހައިސިއްޔަތާއި، ދައުރު ކަނޑައެޅުން.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމުގެ އިސްވެރިޔެއްގެ ގޮތުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު އުފައްދައި، އެ މަގާމަށް މީހަކު އައްޔަންކުރުމާއި، މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު ކަނޑައެޅުން.
ކޯޓުތަކުގެ ރަޖިސްޓްރާރުންނާއި އެސިސްޓަންޓް ރަޖިސްޓްރާރުން އައްޔަންކުރުމުގެ އުސޫލުތަކާއި، އެ މަގާމުގެ މަސްއޫލިއްޔަތުތައް މުރާޖައާކޮށް، ހަރުދަނާކުރުން.
ކޯޓުތަކުގެ އިސް ގާޒީންނާއި، އިސް މެޖިސްޓްރޭޓުންނާއި، ކޯޓުތަކުގެ އާންމު މަޖިލީހާއި، ކޮންމެ ކޯޓެއްގެ އިދާރީ ހިންގުމުގެ އިސް ފަރާތްތަކުގެ ދައުރު ކަނޑައެޅުން.
ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކަކީ ކޮބައިކަމާއި، އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުން.
ކޯޓުތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ދައުލަތުގެ މާލިއްޔާއިން ކޯޓުތަކަށް ދޫކުރާނެ ފައިސާގެ އެންމެ ދަށް އިންސައްތަ ކަނޑައަޅައި، އެ ފައިސާ ވަކިވަކި ކޯޓުތަކަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުން.
ކޯޓުތައް ހިންގުމުގައާއި، ޝަރީއަތް ކުރުމުގައި ކޯޓުތަކުން ގެންގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް އެއްގޮތްކުރުމަށް މަސައްކަތްކުރުމަށްޓަކައި، "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އޮންނަންވާނެކަމަށް ކަނޑައަޅައި، އެ ކައުންސިލްގެ ޒިންމާއާއި މަސްއޫލިއްޔަތު ކަނޑައެޅުން.
ކޯޓުތަކުން އެކުލަވާލާ ގަވާއިދުތައް އެއްހަމަކޮށް، އެއްގޮތްކުރުމުގެ އުސޫލުތައް ބަޔާންކޮށް، ގަވާއިދުތަކާއި މިންގަނޑުތަކާއި، އުސޫލުތައް ހެދުމުގެ މައިގަނޑު ޒިންމާ ޖުޑީޝަލް ކައުންސިލާ ހަވާލުކުރުން.
ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ފޮނުވުމަށް މާލޭގެ ކޯޓުތަކަށް ގިނަވެގެން 7 ދުވަހުގެ މުއްދަތެއް އަދި ރަށްރަށުގެ ކޯޓުތަކަށް 30 ދުވަހުގެ މުއްދަތެއް ލިބެއެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ، ދަށު މަރުހަލާގެ ހުރިހާ ކޯޓަކުން ވެސް ހައިކޯޓަށް ލިޔެކިޔުންތައް ފޮނުވަން ޖެހޭނީ އެއް ހަމައަކުން 14 ދުވަހުގެ ތެރޭގައި ކަމަށެވެ.

އަދި ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ސީދާ އިސްތިސްނާކުރާ ހާލަތްތައް ފިޔަވައި، ހައިކޯޓުގައި ހިންގާ އެންމެހައި ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށްގެންދަންވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.