ތުރުކީގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ އެސްކިޝެހިރްއަށް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އެ ގައުމުގެ އަސްކަރިއްޔާގެ ފަސް ސިފައިން ނިޔާވެއްޖެ ކަމަށް އެ ޤައުމުގެ ޤައުމީ ދިފާޢީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

އަންގާރަ ދުވަހު ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ތުރުކީގެ ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި ވެއްޓިފައިވަނީ ތުރުކީގެ ވައިގެ ސިފައިންގެ އޭއެސް-532 (AS-532) މަރުކާގެ ހެލިކޮޕްޓަރެކެވެ.

މި އުޅަނދު ވެއްޓުނީ ތަމްރީނު މިޝަނަކަށް އެސްކިޝެހިރްއިން ފުރިފަހުން ކަމަށާއި، މި ހާދިސާ ހިނގި ވަގުތު ހެލިކޮޕްޓަރުގައި ދަތުރުކުރި ފަސް ސިފައިން ވެސް ވަނީ މަރުވެފައި ކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދިނެވެ.

އިޝްތިހާރު އިޝްތިހާރު

މި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ތުރުކީގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެސްކިޝެހިރްގައި ތަމްރީނު ފްލައިޓެއްގައި ދަތުރުކުރި ތުރުކީގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި، އަޅުގަނޑުމެންގެ ހިތްވަރުގަދަ ފަސް އެކުވެރި ސިފައިން ވަނީ ޝަހީދުވެފައި" ކަމަށެވެ.

އަދި މަރުވި ސިފައިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ރަޙްމަތް ލެއްވުމަށް އެދި، އެ ފަރާތްތަކުގެ ޢާއިލާތަކަށާއި، ތުރުކީގެ ހަތިޔާރުއެޅި ފައުޖުތަކުގެ އިތުރުން ޤައުމުގެ އެންމެހައި ރައްޔިތުންނަށް އެ ވުޒާރާއިން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ.