ޔުއޭފާ ނޭޝަންސް ލީގުގެ އޭ ގްރޫޕް އެކެއްގައި ރޭ ތުރުކީވިލާތާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް ކުރަމުން އަންނަ އުންމީދުތައް ބެލްޖިއަމުން ދަމަހައްޓައިފިއެވެ.

ތުރުކީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެ ޓީމުން ކަމުގައި ވިޔަސް، ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ބެލްޖިއަމްގެ ފަރާތުންނެވެ. މި މުބާރާތުގައި އަދި މިހާތަނަށް މޮޅެއް ނުލިބި އޮތް ތުރުކީން ވަނީ މެޗުގެ 20 ވަނަ މިނެޓުގައި އާދާ ގުލަރ ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ.

އެހެން ނަމަވެސް، އެ ޓީމަށް މި ލީޑު ދެމެހެއްޓުނީ އެންމެ ހަތް މިނެޓަށެވެ. މެޗުގެ 27 ވަނަ މިނެޓުގައި ކެވިން ޑި ބްރުއިނާ ޖަހައިދިން ލަނޑުން ބެލްޖިއަމުން ނަތީޖާ ހަމަހަމަކުރިއެވެ. އަދި އޭގެ އެންމެ ތިން މިނެޓު ފަހުން، ޗާލްސް ޑި ކެޓެލާރާ ޖެހި ލަނޑުން ބެލްޖިއަމް ވަނީ ނަތީޖާ އަނބުރާލައި ކުރިހޯދައިފައެވެ. ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި މޮޅާއެކު ބެލްޖިއަމް އޮތީ ކުޅުނު 5 މެޗުން ލިބުނު 9 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނައިގައެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތުރުކީ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.

މި ގްރޫޕުގައި ހިމެނޭ އިޓަލީވިލާތުން ބުރާސްފަތި ދުވަހުގެ ރޭ ފަހަތުން އަރައި ފްރާންސް ބަލިކުރުމާ އެކު، ލިބުނު 10 ޕޮއިންޓާއި ފައިދާ ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައި އޮތީ އިޓަލީއެވެ. ދެވަނައިގައި ފްރާންސް އޮތްއިރު، އަންނަ އާދިއްތަ ދުވަހުގެ ރޭ ފްރާންސުން ތުރުކީއާ ދެކޮޅަށް ނުކުންނާނީ އަމިއްލަ ދަނޑުގައެވެ. އެހެންކަމުން އެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑެވެ.

ބެލްޖިއަމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރެވެން އޮތީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު އަމިއްލަ ދަނޑުގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ. އަނެއްކޮޅުން، އިޓަލީއަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.