ގައުމީ ފެންވަރުގައި އިހުތިރާމު އަދާކުރުމުގެ ހާއްސަ މަޝްރޫއެއް ފެށުމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު، މާދަމާ ރޭ ވަރަށް ފޯރިއާއެކު ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ހަރަކާތަކީ ޖުމްލަ ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ.
މި ހަރަކާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 7:45 ގައި މާފަންނު ޓްރެކް ސަރަހައްދުގައެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން މި ހަފުލާގައި ބައިވެރިވާނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އިހުތިރާމު އަދާކުރުމުގެ މި މަސައްކަތަކީ ހަމައެކަނި ދައްކާލާ ވާހަކައެއްގެ ގޮތުގައި ނުބާއްވައި، އަމަލީ ގޮތުން ނުހަނު ސީރިއަސްކަމާއެކު ތަންފީޒުކުރައްވާނެ ކަމެކެވެ. މީގެ އިތުރުން، މި ކަމާ ގުޅޭ ގޮތުން އެކި ޖަމިއްޔާތަކާ އެކު މިހާރު ވެސް މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކަރުދާހެއްގެ ސިފައިގައި ހުށަހެޅި މި މަޝްރޫއުގެ ތެރެއިން މިހާރު ޕްލޭނާއި، ތާވަލާއި އަދި ބަޖެޓު ވެސް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުން މި މަޝްރޫއަށް ހުއްދަ ދީ، ފާސްކޮށްފައިވާތީ، މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުމާ އެކު މި ފަސް އަހަރުގެ މަޝްރޫއު ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ މަހު އޮތް 'އަހާ' ފޯރަމްގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫއުގެ މައިގަނޑު ކަންކަން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މި ހަރަކާތްތައް ރާވައި ހިންގަމުން އަންނަނީ ސަރުކާރުގެ 8 ވުޒާރާއަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނޭހެން ޖުމްލަ 9 އިދާރާގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއަކުންނެވެ. އަދި މި މަޝްރޫއަކީ މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް ރޭވިފައިވާ ކަމެއް ކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި، ތައުލީމީ ދާއިރާގެ ބައިވެރިން ކަމަށްވާ ސްކޫލްތަކާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން މުސްތަގިއްލު އިދާރާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދާއިރާގެ މާހިރުންގެ ލަފަޔާއެކު ތަފާތު މަސައްކަތު ބައްދަލުވުންތައް ބޭއްވި، ހާއްސަ މޮޑިއުލްތަކާއި ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މެދުކެނޑުމެއްނެތި، ނުހަނު ފުރިހަމަކަމާއެކު މި މަޝްރޫއު ކުރިއަށް ގެންދިއުން ކަމުގައި ހާމަކުރެއްވިއެވެ.
ގައުމީ ފެންވަރުގައި އަހަރަކު އެއްފަހަރު "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރުމަށާއި، މި ދުވަހުގެ ގޮތުގައި މަޝްރޫއު އިފްތިތާހުކުރާ ތާރީހު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.