ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ މިއަދު ހަވީރު ކ. ގުރައިދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ބައެއް ފިހާރަތަކަށް ފެންވަދެފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި ގުރައިދޫގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަންނަ ހިސާބަށް ފެންގަނޑު އުފުލުނު ނަމަވެސް، އެއްވެސް ގެއަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. މިއަދު މެންދުރުން ފެށިގެން އުޑުމަތި ބަނަކޮށް އޮތުމަށްފަހު ހަވީރުގެ ވަގުތެއްގައި ބޯކޮށް ވާރޭވެހެން ފެށި ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ފާތުމަތު ޝަތުމާ ވިދާޅުވީ ރަށުގެ މަގުތަކުގެ ކާނުތައް ފެން ހިނދޭގޮތަށް މަރާމާތުކޮށްފައި script ުުރުމުން، ގިނައިރުތަކެއް ވަންދެން ވާރޭވެހިގެން ނޫނީ ބޮޑު މައްސަލައެއް ދިމާނުވާނެ ކަމަށެވެ. މިއަދު ހަވީރު ވާރޭވެހި މަގުތަކުގައި ފެންބޮޑުވި ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިން ލަފާކޮށްފައިވަނީ މޫސުން އަލިވާން ފަށާނެ ކަމަށެވެ. ނަމަވެސް އެ އިދާރާއިން މިހާރު ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ.
އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އަދިވެސް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާތީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.