އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި ހުޅަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން މާލީ އެހިތެރިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު އަންނަ މަހުގެ ތިނެއް ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުންކުރާނީ "ވަންގަވް" ތެރޭގައި ގާއިމްކޮށްފައިވާ މީޑިއާއެޕް، https://mediaapp.one.gov.mv ކަމަށް ކޮމިޝަނުން ބުންޏެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރި މި އުސޫލުގެ ދަށުން މިއަހަރު ދޫކުރާ ޖުމުލަ އަދަދަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ކަމުގައިވާ 35,124,332 (35.1 މިލިއަން) ރުފިޔާއެވެ. މި ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައެވެ.
އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އެ މީޑިއާއެއް ހިންގަމުން އަންނަ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި ތައުލީމީ ފެންވަރާއި ތަޖުރިބާ ހިމެނެއެވެ. ހަމައެހެންމެ އިދާރީ ނިޒާމު ރޭވިފައިވާ ގޮތާއި، ބިޒްނަސް ޕްލޭނާއި، ގެނެސްދެވޭ ކޮންޓެންޓުގެ ބާވަތްތަކަށް ވެސް މާކްސް ދެވެއެވެ.
މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފާއިތުވި ދެ އަހަރު ތެރޭ ފިޔަވަޅު އެޅި ކަމެއް އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް ތިން މާކްސް އެޕްލިކޭޝަނުން އުނިކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެއް ފަރާތަކުން ގިނަ މީޑިއާ ހިންގި ކަމުގައި ވިޔަސް ގްރާންޓަށް ހުށަހެޅޭނީ އެންމެ މީޑިއާއަކަށް ކަމަށާއި، ކޮންމެ މީޑިއާއަކަށް ވެސް ހުށަހެޅެނީ އެންމެ އެޕްލިކޭޝަނެއް ކަމަށް އުސޫލުގައި ކަނޑައެޅިފައިވެއެވެ. ކޮންމެ މީޑިއާއަކަށް ގިނަވެގެން ދެ މީޑިއަމް އިހުތިޔާރުކުރެވޭ އިރު، އެއް ބާވަތެއްގެ ދެ މީޑިއަމް ހިމެނުމުގެ ފުރުސަތެއް އުސޫލުގެ ދަށުން ނޯންނާނެއެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި މީޑިއާތަކަށް ހާއްސަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކޮށްދިނުމަކީވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.