ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭ 'ވަރަ އެކްސްޕޯ' މި މަހުގެ 26 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި

ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" މި ހިނގާ ނޮވެމްބަރު މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯ އެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ އެވެ.

އިޝްތިހާރު އިޝްތިހާރު

މި އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރއަކީ ރާއްޖޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ކުންފުނި، ސަން ސިޔާމް ރިސޯޓްސް އެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުން ވެސް ވަނީ އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ މި އެކްސްޕޯ ބަހާލެވިފައިވަނީ މައިގަނޑު ހަތަރު ޒޯނަކަށެވެ. އެއީ:

ކެރިއަރ ޒޯން

އެޑިއުކޭޝަން ޒޯން

ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން

މާކެޓް ޒޯން

މި އެކްސްޕޯ ވެގެންދާނީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުދެއްކުން ލިބިގެންދާނެ މުހިންމު މަންސައަކަށެވެ.