ޏ. ފުވައްމުލަކުގައި ޤާއިމުކުރާ ޕޮލިސް އެކޮމޮޑޭޝަން ބްލޮކް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރައުންޑް ފްލޯގެ ކޮލަމްތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ފުވައްމުލަކު ސިޓީގައި ޚިދުމަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަންގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ހިންގާ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ނުވަތަ ގްރައުންޑް ފްލޯގެ ކޮލަމްތަކުގައި ކޮންކްރީޓް އެޅުމުގެ މުހިންމު މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ސަލާމަތީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުވައްމުލަކުގައި ޤާއިމުވެތިބޭ ފުލުހުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ފުރިހަމަ ފެންވަރެއްގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.