ނ. ކެނދިކުޅުދޫގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަން ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީމި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތަކާއި، ފައުންޑޭޝަން ބީމްގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައެވެ. އަދި ޓައި ބީމް ޝަޓަރިންގ އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މީގެއިތުރުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ޓައި ބީމްގެ ކޮންކްރީޓް ކާސްޓިންގ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު، ޢިމާރާތުގެ ރާނާ ސިމެންތި ޖެހުމުގެ މަސައްކަތްތަކަށް ތައްޔާރުވާނެކަމަށް ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ރަށްރަށުގައި އަމާންކަން ޤާއިމުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުޞޫލުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، ކެނދިކުޅުދޫގައި ޤާއިމުކުރާ މި ޕޮލިސް ސްޓޭޝަނަކީ އެ ރަށާއި އެ ސަރަޙައްދުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން މުހިންމު މަޝްރޫޢެކެވެ. މި ޢިމާރާތް ނިމުމުން ފުލުހުންގެ ޚިދުމަތް އެ ރަށުގައި އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެންވަރު ރަނގަޅުކޮށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.