ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
ހައިކޯޓުގެ ވެބްސައިޓުގައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ޝާހިދުގެ ފަރާތުން ހުށަހެޅި މި މައްސަލަ މިހާރު ވަނީ އެ ކޯޓުގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައެވެ. ކޯޓު އަމުރަކާ ގުޅޭ އިސްތިއުނާފީ މައްސަލައަކަށް ވާތީ، މާ ލަސްތަކެއް ނުވެ މި މައްސަލައިގެ އަޑުއެހުންތައް ފެށޭނެ ކަމަށް ބެލެވެއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ، ޢުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުންގެ ބަޔާނުގައި ވާގޮތުން، ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އެއީ އޭނާގެ އަބުރު ކަތިލުމުގެ ބޭނުމުގައި ސިޔާސީ ގޮތުން ދައްކަމުންދާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބު ލިބިވަޑައިގެންފައިވާ ޝާހިދުގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތެއް ކުރެވިފައިވާއިރު، އޭނާ ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށްޓަކައި ޕާޓީގެ ޓިކެޓް ހޯއްދެވުމުގެ ކެމްޕޭން ކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.