ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި މައްސަލަ ހައިކޯޓަށް ބަލައިގަނެ، މިއަދު ވަނީ ރަޖިސްޓްރީކޮށްފައެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަޙުޤީޤުގެ ބޭނުމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. މީގެއިތުރުން، މި މައްސަލައިގެ ތަޙުޤީޤަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ހ. ރަބީޢީމަންޒިލް ބަލައި ފާސްކޮށްފައެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ވަނީ އޭނާއަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ، މިއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަޤުޞަދެއްގައި ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޝާހިދަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު ޚިދުމަތްކުރައްވައި، އެ މަޖިލީހުގެ ރައީސްކަމާއި އިދިކޮޅު އެމްޑީޕީގެ ރައީސްކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޝާހިދު އެމްޑީޕީގެ ރައީސްކަމުން ވަކިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވުމަށްފަހުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.