ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ރާއްޖޭގައި ފަހިވެފައިވާ އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދައި ބެލުމަށް އިޓަލީވިލާތުގެ ވިޔަފާރިވެރިންނަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް ދަޢުވަތު އެރުވީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާއި، އިޓަލީވިލާތުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވަނީ، 1966 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް، 1970 ގެ އަހަރުތަކުގެ ކުރީކޮޅު ޖޯޖް ކޯބިން ފަދަ އިޓަލީގެ އިސް ބޭފުޅުން އިސްނަންގަވައިގެން ރާއްޖެއަށް ބައިނަލްއަޤްވާމީ ފަތުރުވެރިކަން ތަޢާރަފުކުރުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ވަޒީރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި މިއަދުވެސް އިޓަލީއަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު މާކެޓުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުންވެސް، ޒަމާނީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން އިޓަލީވިލާތުން ހޯދާފައިވާ ކާމިޔާބީތަކުގެ އަލީގައި، ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ކަނޑުގެ ވަސީލަތްތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ 60 އަހަރުގެ ދިގު ތާރީޚަކީ ދެ ޤައުމުގެ މެދުގައި އޮތް އިތުބާރުގެ ވަރުގަދަ ހެއްކެއްކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި އެކުވެރިކަން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.