މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް (އާނު)، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
އޭނާގެ މައްޗަށް ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. މި މައްސަލައިގެ ތަހުގީގު މީގެ ކުރިން ކުރިއަށް ދިޔަ ނަމަވެސް، އޭނާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، މައްސަލައިގެ ތަހުގީގު މިހާރު ގާތްގަނޑަކަށް ފުރިހަމަވެފައިވާ ކަމަށެވެ. ނަމަވެސް، މައްސަލައާ ގުޅުންހުރި އެންމެންގެ ބަޔާންތައް ނަގާ އަދި ނުނިމޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި އާއިލީ މައްސަލައެކެވެ. އާއިލާގެ ބައެއް މީހުންގެ ބަޔާންތައް ނެގުން ލަސްވެފައިވާތީ، ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަދި މައްސަލަ ފޮނުވިފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާއިރު، އިތުރު ބަޔާންތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.