ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި 200 ބިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތަށް ފާސްކޮށްދިން ނަމަވެސް، ޤައުމު ދަރަނިވެރިކުރުވުން ފިޔަވައި ޙާޞިލުކުރެވުނު އެއްވެސް ނަތީޖާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ، މި ސަރުކާރުގެ މާލީ ވުޒާރާއިން ބަޖެޓު ތައްޔާރުކުރަނީ ފަރުވާތެރިކަމާއެކު ޒިންމާދާރުކޮށް ކަމަށާއި، ނިމިދިޔަ ވެރިކަމުގައި ބަޖެޓު ހެދީ އެއްވެސް ޒިންމާދާރުކަމެއް ނެތި "ބިރަކާ ނުލައި މަޖާކުރުމުގެ" އުޞޫލުން ކަމަށެވެ. އެމްޑީޕީގެ މެންބަރުން ބަޖެޓުގެ ޢަދަދުތަކާ ގުޅުވައިގެން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާޢު ފާހަގަކުރެއްވީ، އެ ދައުރުގައި 200 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް، ވައްކަންކުރުން ފިޔަވައި ރައްޔިތުންނަށް އެދެވޭ އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ.
ބަޖެޓު ބޮޑުވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާޢު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލުނު ނަމަވެސް، ރައްޔިތުންގެ ޖީބަށް އޭގެ ބުރަ ނުޖެއްސުމަށްޓަކައި މި ސަރުކާރުގެ ޙިކުމަތްތެރި ލީޑަރޝިޕުން ބޮޑު ސަބްސިޑީއެއް ދީފައިވާ ކަމަށެވެ. އެގޮތުން ސަބްސިޑީއަށް ބަޖެޓުކުރި 1،062 މިލިއަން ރުފިޔާގެ ބަދަލުގައި، ހަނގުރާމައިގެ ޙާލަތާ ގުޅިގެން 3،850 މިލިއަން ރުފިޔާއަށް ސަބްސިޑީގެ ޚަރަދު އިތުރުވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި އޭނާ ތަމްސީލުކުރައްވާ ބާރަށު ދާއިރާއަށް ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް ބަޖެޓުން ފައިސާ ހޭދަކޮށްފައި ނުވާކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.
އަދި ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ދައުލަތް އޮތް ބިރުވެރި މާލީ ޙާލަތު ބަޔާންކުރައްވަމުން ޝުޖާޢު ވިދާޅުވީ، އާސަންދައިން ހޮސްޕިޓަލްތަކާއި ފާމަސީތަކަށް ނުދައްކައި 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށާއި، ޞިއްޙީ ދާއިރާގެ އެތެރޭގެ ދަރަނީގެ ގޮތުގައި އެކަނިވެސް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތް ކަމަށެވެ. ހަމައެއާއެކު، ނިމިދިޔަ ސަރުކާރުން ނެގި ލޯނުތައް ދެއްކުމަށްޓަކައި މި ހިނގާ އަހަރުގެ ތެރޭގައި ވެސް 11 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރަންޖެހުނު ޙަޤީޤަތް އިދިކޮޅު މެންބަރުން ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވެ ޝުޖާޢު ވަނީ ފާޑުވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.