ދައުލަތުގެ ބަޖެޓުން އިޤުތިޞާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދު އަންނަ އަހަރު ދަށްވާނެ ކަމަށް އަންދާޒާކޮށްފިއެވެ. މި ދާއިރާއަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް ލަފާކުރެވޭ މައިގަނޑު އެއް ސަބަބަކީ، ކުރިއަށް އޮތް އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވާނެ ކަމަށް ބެލެވުމެވެ.

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި ދާއިރާއަށް ކަނޑައަޅާފައިވަނީ 9،605.6 މިލިއަން ރުފިޔާއެވެ. މިއީ ހިނގަމުންދާ 2026 ވަނަ އަހަރާ އަޅާބަލާއިރު 16.2 އިންސައްތައިގެ ދަށްވުމެކެވެ. އިޤުތިޞާދީ އަދި ސިނާއީ ދާއިރާގެ ޚަރަދުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ހަކަތައާއި، ދަތުރުފަތުރާއި، މަސައްކަތްތެރިންނާއި ވިޔަފާރި އަދި މުވާސަލާތީ ދާއިރާއާ ގުޅުންހުރި ކަންކަމެވެ. މީގެ ތެރެއިން ޚަރަދުގެ ބޮޑުބައެއް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިއްސާކުރާއިރު، ރިކަރަންޓް ޚަރަދުގެ ބޮޑުބައި ހޭދަކުރެވެނީ ނުސީދާ ގޮތެއްގައި ދެވޭ ސަބްސިޑީތަކަށެވެ.

ރައްޔިތުންނަށް އަގުހެޔޮކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ދޭ ފިއުލް ސަބްސިޑީގެ ޚަރަދު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރު ނިމޭއިރު މި ސަބްސިޑީއަށް 3،750.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި އަންނަ އަހަރު ތެލުގެ އަގު ދަށްވާނެއެވެ. އެހެންކަމުން 2027 ވަނަ އަހަރު ފިއުލް ސަބްސިޑީއަށް ހިނގާނެ ޚަރަދު 3،200.6 މިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ހަމައެއާއެކު، އާރުޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ސައުތު އަދި ނޯތު ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން ޓްރާންސްޕޯޓް ސަބްސިޑީ އަންނަ އަހަރުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކަރަންޓު އުފެއްދުމުގެ ނިޒާމު ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ސްޓެލްކޯގެ ކެޕިޓަލް ކޮންޓްރިބިއުޝަނާއި ލޯނުގެ ގޮތުގައި ސަރުކާރުން ބަޖެޓުގައި އެހީތެރިކަން ހިމަނާފައިވެއެވެ.

ޕީއެސްއައިޕީގެ ދަށުން މި ދާއިރާއަށް އަންނަ އަހަރު 3،069 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. ޚާއްޞަކޮށް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވާ ތިލަމާލެ ބްރިޖު މަޝްރޫޢު ނިންމުމަށްޓަކައި، މި ބަޖެޓުން ބޮޑު ހޭދައެއް ކުރުމަށް ވަނީ ރޭވިފައެވެ.