ޑޮލަރުގެ ދަތިކަމަށް ޙައްލެއް ހޯދުމަށްޓަކައި ރިސޯޓުތައް އޮޑިޓްކުރަންޖެހޭ ކަމަށާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދާންވީ ހަމައެކަނި ކަންމަތީ ފިހާރަތަކަށް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ވަންނައިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި ޤައުމަށް ލިބޭ ކޮންމެ ޑޮލަރަކީ ރަސްމީ ބޭންކިންގ ވިއުގައަށް ވަންނަންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި، އެކަން ކަށަވަރުކުރުމަށްޓަކައި މިހާރު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
People's Majlis@mvpeoplesmajlis2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރުން



ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރާ ގުޅޭގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާމަކުރެއްވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް (ޢާމްދަނީން ނަގާ ޓެކްސް) ދައްކަނީ އެންމެ 50 ވަރަކަށް ރިސޯޓުން ކަމަށެވެ.
އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ؟ އެހެންވީމާ އޮޑިޓްކުރަން އެބަޖެހޭ ނޫންތޯ؟ އޮޑިޓްކުރަން އެބަޖެހޭ އެބޭފުޅުންގެ ހިސާބުތައް.
ގަވަރުނަރު ވިދާޅުވިއެވެ.
މުނައްވަރު ވަނީ ޓޫރިޒަމްގެ ހިސާބުތައް ރަނގަޅަށް ބަލަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ.
އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަޖެހޭ.
ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަނަމަ، އެއީ ރައްޔިތުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ އަދަދެކެވެ. އެހެންކަމުން ބޭންކިންގ ނިޒާމުން ބޭރުގައި ޑޮލަރު ދައުރުވުން ހުއްޓުވައި، ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުދަނާކޮށް ހަރުކަށި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ބާޒާރުގެ އޮއިވަރަށް ދޫކޮށްލުމަށް (ފްލޯޓް ކުރުމަށް) ބައެއް ފަރާތްތަކުން ވަކާލާތު ކުރި ނަމަވެސް، އެއީ ޢަމަލީ ގޮތުން މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށް މުނައްވަރު ވިދާޅުވިއެވެ. އޭގެ ސަބަބަކީ ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ކަނޑައަޅަމުންދަނީ ކަޅު ބާޒާރުގައި ކަމަށް ވާތީ ކަމަށާއި، މި މައްސަލައަކީ އެންމެ ދުވަހަކުން ޙައްލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.