ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު، އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފިއެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ޤައުމީ މަޖިލީހުގެ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ އާންމުކޮށް ވެސް އެފަދަ މައްސަލަތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ.
އެކަމަކު ޝާހިދު ހައްޔަރުކުރި މައްސަލައިގައި މިހާތަނަށް އެމްޑީޕީން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމައި 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.