ކުށްމަދުކުރުމަށް ހަމައެކަނި ޖިސްމާނީ ބާރުގެ ބޭނުންކުރި ޒަމާން މާޒީވެފައިވާ ކަމަށާއި، މިއަދުގެ ފުލުހުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ޢަމަލީ މައިދާނުގައި ނަތީޖާ ނެރޭ އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރުން ކަމަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް ބޭއްވި މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަހާސިންތާއަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި މަހާސިންތާ އޮތީ އިސްކަންދަރު ކޮށީގައެވެ. "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026" ގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުމަކީ 8 އިން 10 ނޮވެމްބަރަށް ކުރިއަށްދާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ސީޕީ އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން އިންތިޒާމުކުރަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެންނެވެ.
މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ސީޕީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޒަމާނީ ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށަކަށް ރެސްޕޮންޑްކޮށް ތަހުގީގުކުރުން ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި އެވިޑެންސް ބޭސްޑް ޕޮލިސިން ތިއަރީތައް ޢަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ކޮމިޝަނާ ފާހަގަކުރެއްވިއެވެ. ފުލުހުންނަކީ ހަމައެކަނި ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި އިލްމީ ގާބިލުކަމާއި ނަފްސާނީ ދުޅަހެޔޮކަން ހުންނަންޖެހޭނެއެވެ. އަދި ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ފުރިހަމަވާންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މި މަހާސިންތާގެ ތެރެއިން ހުށަހެޅޭ ދިރާސީ ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ފުލުހުންގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން ބައްޓަންކުރުމުގެ މައިގަނޑު އަސާސެވެ. ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމުގައިވެސް މި ހޯދުންތަކަށް ބަލާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.
މަސައްކަތުގައި ހުރި ދަތިތަކާއެކުވެސް ފޯކަސް ނުގެއްލުވައި މަސައްކަތްކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ސީޕީ އެދިވަޑައިގަތެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.