ލ. ކަޅައިދު އާއި ދަބިދޫ ގުޅުވައިދޭ ކޮޒްވޭ އެޅުމުގެ މަޝްރޫޢުގެ ތެރެއިން އެލް ސެކްޝަން ރީޓެއިނިންގ ވޯލް ހެދުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ދެ ރަށުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށް، އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކޮޒްވޭގެ މަސައްކަތް ނިމުމުން ދެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ލާމު އަތޮޅު ކަޅައިދޫ އަދި ދަބިދޫ ސަރަޙައްދުގައި ކުރިއަށްދާއިރު، ސައިޓުގައި އެކި ބައިތަކުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެލް ސެކްޝަން ރީޓެއިނިންގ ވޯލް އެތުރުމާއި ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ހިންގަމުންނެވެ.
މި މަޝްރޫޢުގެ ދަށުން 3 ޕްރީސްޓްރެސްޑް ކޮންކްރީޓް ފާލަމާއި ކޮޒްވޭ އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ދެ ރަށް ގުޅުވާލުމަށް ބޭނުންވާ ސަރަޙައްދު ފުންކުރުމާއި، ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ކަޅައިދޫ އާއި ދަބިދޫ ކޮޒްވޭއަކުން ގުޅުވާލުމަކީ އެ ސަރަޙައްދުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެކެވެ. އެމްޓީސީސީން އަމާޒުހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.