ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ހިންގާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ "ޑިޒައިން އެންޑް ބިލްޑް އޮފް ޏ. ފުވައްމުލައް އިންޓަރނަލް ރޯޑްސް - ފޭސް 2" ގެ ދަށުން މިހާރު ކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކުތައް ބެހެއްޓުމާއި، ހޮޅި އެޅުމުގެ އިތުރުން ކޭބަލް ޖަންކްޝަން ބޮކްސް ހަރުކުރުމުގެ މަސައްކަތްތަކެވެ.
ފުވައްމުލައް ސިޓީގެ މަގުތަކުގައި ތާރުއެޅުމުގެ މި ފިޔަވަހީގެ ދަށުން ޖުމްލަ 52 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، އެކި ސަބަބުތަކާ ހުރެ މި މަސައްކަތް އޮތީ މުޅިން ހުއްޓިފައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައި، ހަލުވި ދުވެލީގައި ކުރިއަށް ގެންދަން ފަށާފައެވެ.
ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް އޭގެ ސަބަބުން ދަތުރުފަތުރު ކުރުމުގައްޔާއި، ފެންބޮޑުވުމުގެ މައްސަލަތައް ޙައްލުވެ، ދިރިއުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމުގައި އެ ސިޓީގެ ރައްޔިތުން ދެކެއެވެ.
މީގެ އިތުރުން، ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ 3 ވަނަ ފިޔަވަހީގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ބޭނުންވާ މުހިންމު ދިރާސާތައް ކުރުމުގެ މަސައްކަތްތަކެވެ. ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަކަށް މި މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.