ހދ. މަކުނުދޫ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުއްމީދުތަކާ ގުޅިފައިވާ އެ ރަށު އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ އެއާޕޯޓުގެ ފަޔަރ ސްޓޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.
އަތޮޅުގެ އެހެން ރަށްރަށާއި ވަކިން އެކަހެރިކޮށް އޮންނަ މަކުނުދޫއަކީ، ޢާންމުކޮށް ކަނޑުގަދަ ސަރަޙައްދެއްގައި އޮންނަ ރަށެކެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި ކަނޑު މަޑު ދުވަސްވަރުގައިވެސް އެ ސަރަޙައްދުގެ ކަނޑުތައް ގަދަވުމުގެ ސަބަބުން، ސިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމުގައްޔާއި ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް އަބަދުވެސް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން މިއީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދާ ގުޅިފައިވާ މަޝްރޫޢެވެ. މީގެއިތުރުން، މި އެއާޕޯޓާއެކު އެ ސަރަޙައްދުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، ރަށުގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ޙަވާލުކޮށްގެން ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ޙިމާޔަތްކުރުމަށް 3،493 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖަހައި ނިންމާފައެވެ.
އެއާޕޯޓުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ވަކި ތަރުތީބަކުން ބައިބަޔަށް ބަހާލައިގެން ކަމަށެވެ.
ވަކި ތަރުތީބަކުން މަސައްކަތްތައް ކުރިއަށްގެންދަނީ. މިހާރު މަސައްކަތްކުރަމުންދަނީ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް. ސްޕީޑް އަވަސް ކުރުމަށް މި ކުރާ މަސައްކަތާއެކު އަންނަމަހުން ފެށިގެން މަސައްކަތް ހަލުވިވާނެކަމަށް މި ބަލަނީ.
ސަޢުދީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.
މަކުނުދޫ އެއާޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމާފައި އޮތީ 1500 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން އެ ރަންވޭ 1800 މީޓަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އިޢުލާނު ކުރައްވާފައެވެ. މި އެއާޕޯޓުގެ މަސައްކަތް ނިމުމުން އެތަން ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.
ހދ. އަތޮޅުގައި މިހާރުވެސް ދެ އެއާޕޯޓެއް އޮވެއެވެ. އެއީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ކުޅުދުއްފުށީ އެއާޕޯޓެވެ. މަކުނުދޫ އެއާޕޯޓު ނިމުމާއެކު އެ އަތޮޅުގައި އޮންނަ އެއާޕޯޓުތަކުގެ އަދަދު ތިނަކަށް އަރައި، ސަރަޙައްދީ ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.