އެއްގަމުމަގުން އީރާނު "ބަންދުކުރަން" އެމެރިކާއިން މަސައްކަތް ފެށިނަމަވެސް އެކަމުން ކުރާނޭ އެއްވެސް އަސަރެއް ނޯންނާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން މިކަން ހާމަކުރީ އެއްގަމުމަގުން އީރާނު މުޅިން ބަންދުކޮށް އަދި ކަނޑުމަގުންވެސް އީރާނު އިތުރަށް ބަންދުކޮށް ދަތިކުރުމަށްޓައި "އަޔަން ގޭޓް" ގެ ނަމުގައި ޓާސްކްފޯހެއް އެކުލަވާލިކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އިއުލާން ކުރުމުންނެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރު، އައިއާރްޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ހުސައިން މުހައްބީ ވިދާޅުވީ، އެއްގަމުމަގާއި ކަނޑުމަގުން އީރާނު ބަންދުކޮށްގެން އެމެރިކާއަށް ހާސިލްވާނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
މުހައްބީ ވިދާޅުވީ، އީރާނާ ދެކޮޅަށް އިގްތިސާދީ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްފަހު ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އީރާނުގު އިގްތިސާދު މުޅިން އިނދަޖެހޭނޭ ކަމަށް އެމެރިކާއިން ކުރިންވެސް ބުނި ކަމަށާއި، ވީ އެއްވެސްކަމެއް ނެތް ކަމަށެވެ. ކުރި އެއްވެސް އަސަރެއް ނުފެނުނު ކަމަށާއި، ދެންވެސް ނުވާނޭ ކަމަށެވެ.
ބްރިގޭޑިއަރ ޖެނެރަލް ހުސައިން މުހައްބީ ވިދާޅުވީ، އިގްތިސާދީގޮތުން އީރާނު ނިކަމެތިކޮށްލަން އެމެރިކާއިން ކުރިމަތި ކުރަމުންދާ ޕްރެޝަރުތަކަށް ރައްދުދޭން އީރާނު އޮތީ ފުރިހަމަ ތައްޔާރަށް ކަމަށެވެ.
ޚާއްސަކޮށް އީރާނު އެއްގަމުމަގުން ބަންދުކުރުން ވިލަރެސްކުރަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކުލަވާލި ޓާސްކްފޯހުގައި ހިމެނެނީ 20 މެމްބަރުންނެވެ. އެއްގަމުމަގުންނާއި އަދި ކެސްޕިއަން ކަނޑުގެމަގުން އީރާނަށް ހަތިޔާރާއި، މަނާކޮށްފައިވާ އެހެން ސާމާނާއި، ޓެކްނޯލޮޖީއާއި، ފަންޑުތައް އެތެރެކުރުން ހުއްޓުވުން މި ޓާސްކްފޯހުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ޓާސްކްފޯސް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާ ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އީރާނާ ގުޅޭ އިރާގުގެ މުޅި ބޯޑަރު ބަންދުކުރަން އެމެރިކާއިން ރަސްމީކޮށް އިރާގު ސަރުކާރުގެ ކިބައިން މިހާރު ވަނީ އެދިފައެވެ.
ސަރަހައްދީ އިމުން އީރާނާ 7 ގައުމެއް ގުޅިފައި ވެއެވެ. އެއީ، އިރާގުގެ އިތުރުން، އަފްޣާނިސްތާން، އަރްމީނިއާ، އަޒަރުބައިޖާން، ޕާކިސްތާން، ތުރުކީ އަދި ތުރްކުމެނިސްތާނެވެ. ދެން އީރާނު ގުޅިފައިވަނީ ކެސްޕިއަން ކަނޑާއެވެ.
އެއްގަމުމަގުން އީރާނު މުޅީން ބަންދުކޮށްލަން އެމެރިކާއިން މި ފެށި މަސައްކަތުގައި، އީރާނާ ބޯޑަރު ހިއްސާކުރާ ގައުމުތަކުން އެއްބާރުލުން ދޭނީ ކިހާވަރަކަށް ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އެއިން ގައުމަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާނަށް އިތުރަށް ދަތިކޮށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ އީރާނު އިތުރަށް ރުޅިއަރުވައި މަސްލަހަތު ނަގާލުމަށް ކަމަށެވެ.
އެމެރިކާއިން އެއްގަމުމަގުން އީރާނު "ބަންދުކޮށްގެން" އެއްވެސް އަސަރެއް ނުކުރާނެ: އީރާނު
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.