އެމެރިކާ ސިފައިން އީރާނުގެ ޤޭޝްމް އައިލެންޑަށް މިއަދު ވައިގެ ހަމަލާތަކެއް ދީފިއެވެ.
ޤޭޝްމް އައިލެންޑަކީ ހޮރްމޫޒު ކަނޑުއޮޅިއަށް ވާގޮތަށް އޮންނަ އީރާނުގެ ރަށެކެވެ.
އެމެރިކާ ސަރުކާރުގެ ނަން ހާމަނުކުރާ އިސް އޮފިޝަލަކާ ހަވާލާދީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފައިވަނީ، އެމެރިކާ ސިފައިން ދީފައިވަނީ "ލިމިޓެޑް" ހަމަލާތަކެއް ކަމަށާއި، މިއީ ބޮޑު އަސްކަރީ ކުރިމަތިލުމެއް އަލުން ފެށުން ނޫން ކަމަށެވެ.
އެހެން އޮފިޝަލަކު ބުނީ، މި ހަމަލާތަކަކީ، ސަރފަސް ޓު އެއަރ މިސައިލް ބޭނުންކޮށްގެން އެމެރިކާގެ އެސެޓްތަކަށް އީރާނުން ދޭ ހަމަލާތަކުގެ ދިފާއުގައި ދެވުނު ހަމަލާތަކެއް ކަމަށެވެ.
އެމެރިކާގެ ފޮކްސް ނިއުސްއިން ބުނެފައިވަނީ، އެމެރިކާ ސިފައިން ދިނީ ދިފާއީ ހަމަލާތަކެއް ކަމަށާއި، ޤޭޝްމް އައިލެންޑަށް ހަމަލާދިނީ އީރާނުން އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓަކަށް ހަމަލާދިނުމުން އެކަމުގެ ރައްދުގައި ކަމަށެވެ.
އެމެރިކާ ސިފައިން އީރާނަށް ވައިގެ ހަމަލާތަކެއް މިދިނީ، އެމެރިކާ ސިފައިންގެ ޖާސޫސީ އިތުރު ޑްރޯންއެއް ވައްޓާލާފައިވާކަން އީރާނުގެ އިންގިލާބީ ލަޝްކަރުން އިއުލާން ކޮށްފައި ވަނިކޮށެވެ.
އެމެރިކާ ސިފައިން ދިން ހަމަލާތަކާއެކު ޤޭޝްމް އައިލެންޑްގެ އެކި ހިސާބުތަކުން އެތައް ގޮވުންތަކެއް ގޮވާފައިވާ ކަމަށް އީރާނު ދައުލަތުގެ މީޑިއާއިން ކުރިން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް، މި ހަމަލާތަކުގައި މީހަކަށް ކަމެއް ވީކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ.
އެމެރިކާ ސިފައިން އީރާނުގެ ޤޭޝްމް އައިލެންޑަށް ވައިގެ ހަމަލާތަކެއް ދީފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.