ކުރިއަށްއޮތް އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެއަށް ކުރަމުންދާ ދަތުރުގައި، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުވެސް ފަލަސްތީނުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗު ފަލަސްތީނު ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި ދަތުރުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުވެސް 5-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފަލަސްތީނެވެ. މި މެޗުތަކަކީ އޭޝިއަން ކަޕް ކޮލިފައިންއަށް ދެ ޓީމުގެ ތައްޔާރީތައް ވަރުގަދަކުރުމުގެ މަގުސޫދުގައި ކުޅުނު މެޗުތަކެކެވެ.

ރާއްޖޭގައި ކުރިއަށްދާ މި ތަމްރީނު ދަތުރުގައި ފަލަސްތީނުގެ ޓީމު ކޭމްޕް ކޮށްފައިވަނީ ކ. ގުރައިދޫގައެވެ.

އިޝްތިހާރު އިޝްތިހާރު

އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ރާއްޖޭގެ ޒުވާން ޓީމު މި މަހުގެ ފަސްވަނަ ދުވަހު ތައިލެންޑަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ވާދަކުރާ ގައުމުތަކަކީ ޗައިނީޒް ޓައިޕޭ، ހޮންގްކޮންގް އަދި އިރާގެވެ.

މި މެޗުތަކުން ލިބުނު ތަޖުރިބާއާއެކު، ކޮލިފައިން މެޗުތަކަށް ރާއްޖޭގެ ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރާއްޖޭގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.