ގައުމީ ފުޓުބޯޅަ ޓީމު އަންނަމަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، އިންޑޮނޭޝިއާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕަށް މާދަމާ ފުރުމަށް ނިންމައިފިއެވެ.

މި ކޭމްޕުގެ ތެރެއިން ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަމަށް ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ވިދާޅުވިއެވެ. ނަމަވެސް މި މެޗުތައް ކުޅޭނީ ކޮން ޓީމުތަކަކާ ދެކޮޅަށްކަމެއް ކޯޗު ހާމަކުރައްވާފައެއް ނުވެއެވެ. މި ކޭމްޕުގެ މައިގަނޑު ބޭނުމަކީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ޤައުމީ ޓީމަށް ފަހިކޮށްދިނުމެވެ.

އިންޑޮނޭޝިއާގައި ކުރިއަށްދާ މި ތަމްރީނު ކޭމްޕު ނިންމާލައި، ޤައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ނޮވެމްބަރު މަހުގެ 5 އިން 17 އަށް ކުރިއަށްދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ސަރަހައްދީ ގަދަ ބާރު އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ (ގްރޫޕް ބީ). މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ޗައިނާއާ، ކިރިގިސްތާނާ، އަދި ލުބުނާންއާ ދެކޮޅަށް ތިން އެކުވެރިކަމުގެ މެޗު ކުޅެފައެވެ. މި މެޗުތައް ކުޅުނީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު އެކުލަވާލުމަށް ކަމަށް ކޯޗު އިސްތަވާން އުރުބާނީ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާ އާއި އެއްގްރޫޕެއްގައި ރާއްޖެއިން އެންމެ ފަހުން ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.