ނަސްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކުވެސް ލިބިގަންނަންވީ ޤައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޙަސަން ރަޝީދު މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ ޚިޠާބުގައެވެ.
3 ނޮވެމްބަރ 1988 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އަބުޠާލުންގެ ޒިކުރާ އައު ކުރައްވައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހެއް ކަމަށެވެ. އަދި އެ ދުވަހު ދިވެހިންގެ ތެރެއިން މަދުބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ދިން އެހަމަލާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ދުވަހު ދުޝްމަނުންގެ ރަހުމެއްނެތް ހަމަލާތަކުން ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ނަޞްރުގެ ދުވަހު ޝަހީދުވި ސިފައިން ދަސްކޮށްދިނީ ޤައުމު އިސްކުރުމުގެ ފިލާވަޅު ކަމަށެވެ.
"ނަސްރުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ޤައުމު އިސްކުރުމުގެ ފިލާވަޅު. އެ ދުވަހު ދީނާއި ޤައުމަށްޓަކައި ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ދައްކައިދިނީ އެކަން. އެ ބޭފުޅުން ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު. އެބޭފުޅުންނަށްޓަކައި ތާއަބަދު މި ޤައުމު ފަޚުރުވެރިވާނެ،" ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ވާންޖެހޭނީ ޤައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން ޤައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާއެކު މަސައްކަތް ކުރާނެ ބަޔަކަށް ކަމަށެވެ. އަދި، ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށް ކޮންމެ މީހަކުވެސް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. މިޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.