ކުރިއަށް އޮތް ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ އެއްގަމާއި ކަނޑުދަތުރުފަތުރުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން، މި މުއްދަތުގައި ކުރިއަށްދާ ފަރިތަކުރުންތަކާ ގުޅިގެން މިއަދު ހަވީރު 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ އެއްގަމު މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.

މީގެ އިތުރުން، އެ ސަރަހައްދުގެ ފަޅުތެރެއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދުގެ 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅުތެރެ ވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކަށް ގެނެވުނު މި ބަދަލުތަކުގެ ސަބަބުން، ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.