މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ގިނަ ޙަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ. މި ޙަރަކާތްތައް މާލެއާއި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ކުރިއަށްދާނެއެވެ.

ނޮވެންބަރު 3 ވަނަ ދުވަހު ނަޞްރުގެ ދުވަހުގެ ޙަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، ސިފައިންނާއި ޢާންމުން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުންނެވެ. ނަމާދަށްފަހު ހެނދުނު 06:00 ގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ ޤައުމީ ލަވަ އަލްބަމެއް ވެސް ނެރެވޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެއެވެ.

އަތޮޅުތެރެއިން ޚާއްޞަކޮށް ހއ. ދިއްދޫ އާއި ހއ. ބާރަށުގައި ވެސް ނަޞްރުގެ ދުވަހުގެ ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. މި ރަށްރަށުގައި ސިފައިންގެ ފޮޓޯ މައުރަޒަކާއި، އަސްކަރީ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. ދިއްދޫއަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ. ބާރަށަކީ، 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.

ހއ. ދިއްދޫގައި މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ. އަދި ހއ. ބާރަށުގައި ނޮވެންބަރު 20 އަދި 21 ވަނަ ދުވަހު މި ޙަރަކާތްތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.