ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ވަގުތު ވެހޭ ވާރޭފެން ނުނެގުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 ހާއިރު، ފުނަދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ދިއުމުގެ ސަބަބުންނެވެ. މި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގެތަކަށާއި ވޯކްޝޮޕްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ށ. އަތޮޅު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގެ ސަބަބުން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ، މިހާރު ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވިގެންވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ވަގުތު ވެހޭ ވާރޭފެން ނުނެގުމަށާއި، ވާރެޔާ ނުތެމި ރައްކާތެރިވެ ތިބުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އިޝްތިހާރު އިޝްތިހާރު

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ރޯވި ސަރަހައްދުގައި ހުރި އިމާރާތްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން އަލިފާނުގެ އަސަރު ކުރި ތަންތަނުގެ ތެރެއިން އެއް ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ އިރު، މި ހާދިސާގެ ސަބަބުން ޖުމްލަ 4 ގެއަކާއި 5 ވޯކްޝޮޕަކަށް އެކި ވަރުގެ އަސަރުކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން 33 މީހަކު ވަނީ ރައްކާތެރި އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 20 މީހަކަށް ވަނީ ފަރުވާދީފައެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ އެންމެން ވެސް ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.