ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ 4 ގެޔަކަށާއި 5 ވޯކްޝޮޕަކަށް އަސަރުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ވަނީ ހުސްކޮށްފައެވެ. އަދި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. ނަމަވެސް އަލިފާން ފެތުރިގެން ދިޔައީ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ޝެޑެއްގައި ރޯވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓީމުގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތަށް އެހީތެރިވުމަށްޓަކައި ހދ. ކުޅުދުއްފުށީގައި ތިބޭ އެމްއެންޑީއެފްގެ ފަޔާ ޓީމު މިހާރު ވަނީ ފުނަދުއަށް ދިއުމަށް ދަތުރު ފަށާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.