މ. ދިއްގަރުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން ކަކޮންޓްރެކްޓަރ އެމްޓީސީސީން މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ސީލިންގ ފްރޭމް އެޅުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.އެމްޓީސީސީން ބުނީ މުޅި މަޝްރޫޢުގެ 56 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގެންނެވުމަށްޓަކައި، ކުޅިވަރާއި ކަސްރަތުގެ ވަޞީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

އެގޮތުން، އެކި ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް އެޅުމާއި، ވޮލީ އަދި ބާސްކެޓް ކޯޓުތައް ތަރައްޤީކުރުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފަތާ ޓްރެކްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ކުރިއަށް އެބަދެއެވެ.