ރަސްމާލޭގެ 500 ހެކްޓަރު ބިމުގައި ހިންގާ "ވޯޓަ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށް 30 އާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަންނާނެ ކަމަށް ގްލޯބަލް ރިސާޗް އެންޑް އެނަލިޓިކްސް ފާމް އެއް ކަމަށްވާ އީވެލިއުސާވް އިން ހެދި އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓުން ދައްކައިފިއެވެ.

އީވެލިއުސާވް އިން ތައްޔާރުކުރި އެސެސްމެންޓުގެ ތަފްސީލީ މައުލޫމާތުތައް އާންމުކޮށްފައި ވަނީ މޯލްޑިވްސް އެކައުންޓިން ފޯރަމްގައި އެ ކުންފުނީގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއަކީ ވަކިވަކިން ހަދާ ރިސޯޓުތަކަށް ވުރެ އިގްތިސާދީ ގޮތުން މާ ބޮޑު މަލްޓިޕްލަޔާ އިފެކްޓެއް އުފެދޭނެ މަޝްރޫއެއް ކަމަށް އީވެލިއުސާވް އިން ބުނެއެވެ. މިފަދަ މަލްޓި-ޕާޕަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެކަން ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ދިރާސާތަކުން ވެސް ސާބިތުވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުގެ ގޮތުގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް އީވެލިއުސާވްގެ ޑިރެކްޓަރު މީހައު ރަޖޫކް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގައި އިންވެސްޓްކުރާ ކޮންމެ 1 ޑޮލަރަކަށް ރާއްޖޭގެ ޖީޑީޕީއަށް 1.6 ޑޮލަރުގެ ކޮންޓްރިބިއުޝަނެއް ލިބޭނެއެވެ. މި މަޝްރޫއާއެކު އެ ސަރަހައްދުގައި ރީޓެއިލް ވިޔަފާރިތަކާއި މެރީނާ އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފުޅާވެގެންދާނެއެވެ.

ރާއްޖޭގެ އިގްތިސާދީ ދާއިރާތައް ކުރިއަރާނެ މައިގަނޑު ތިން ގޮތެއް އެސެސްމެންޓުގައި ވަނީ ފާހަގަކޮށްފައެވެ. ފުރަތަމަ ކަމަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކުގެ 90 ޕަސެންޓް ހިއްސާކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ ފުރުސަތުތަކެވެ. މި މަޝްރޫއުގެ ތެރެއިން ހޮސްޕިޓާލިޓީ، ރީޓެއިލް އަދި މެރީނާ ހިދުމަތްތަކާ ގުޅުންހުރި 300 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފަތުރުވެރިކަމުގެ ވަސީލަތްތަކެވެ. އީވެލިއުސާވްގެ ދިރާސާއިން ދައްކާ ގޮތުގައި މި ތަންތަން ހުޅުވުމާއެކު އަހަރަކު ގާތްގަނޑަކަށް 900،000 ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރާނެ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ މަޝްރޫއުގެ ސަބަބުން އުފެދިގެންދާނެ ވަޒީފާގެ ފުރުސަތުތަކެވެ. މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މަރުހަލާގައި 45،000 ވަޒީފާ އުފެދޭއިރު، އޮޕަރޭޝަނަލް މަރުހަލާ ފެށުމުން އިތުރު 15،000 ވަޒީފާ އުފެދި، ޖުމްލަ 60،000 ވަޒީފާގެ ފުރުސަތު އިގްތިސާދުގެ ތެރޭގައި އުފެދިގެންދާނެ ކަމަށް މީހައު ރަޖޫކް ވިދާޅުވިއެވެ.

މިފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދާއިރު ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް އީވެލިއުސާވްގެ ސީނިއާ މެނޭޖަރު އަރްނާވް ސަކްސޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަޝްރޫއު ހިންގާ ބިމުގެ 22 ޕަސެންޓް ހާއްސަކުރަން ޖެހެނީ ހުސްބިމާއި ފެހި ސަރަހައްދުތަކަށެވެ. މީގެ އިތުރުން ފަރުތައް އާލާކޮށް މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ލޯކަލް ކޮމިއުނިޓީތަކާ ގުޅިގެން ކުރިއަށް ގެންދިއުމަކީ ބްލޫ އިކޮނޮމީއެއް ބިނާކުރުމަށް މުހިއްމު ކަމެކެވެ.

މި މަޝްރޫއުގައި ސޯލާ ހަކަތަ ފަދަ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމުކުރުމުގެ މުހިއްމުކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ. އީވެލިއުސާވް އިން ވަނީ މިސްރުގެ ރެޑް ސީ ޕްރޮޖެކްޓާއި، އިންޑޮނޭޝިއާގެ ކޫރާ ކޫރާ އަދި ލަންކާގެ ޕޯޓް ސިޓީ މަޝްރޫއުން ރާއްޖެއަށް ފިލާވަޅުތައް ލިބިގަނެވޭނެ ކަމަށް ބުނެފަ އެވެ. ދިގު މުއްދަތަކަށް ދެމިގެންދާ މިފަދަ ތަރައްގީގެ މަޝްރޫއެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށްގެންނެވެ.

މި މަޝްރޫއުގެ ދިގު މުއްދަތުގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް އެންމެ ފުރިހަމައަށް ލިބޭނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ދިވެހި މުވައްޒަފުންނަށް ފުރުސަތުތައް އިސްކޮށްގެންނެވެ. ބޭރުގެ ވިޔަފާރިތަކަށް އެ ފުރުސަތުތައް ދޫކޮށްލައިފި ނަމަ އިގްތިސާދީ ދައުރުވުމުގެ ހަގީގީ ފައިދާ ގައުމަށް ނުލިބި ހިނގައިދާނެ ކަމަށް އީވެލިއުސާވްގެ ދިރާސާއިން ވަނީ އިންޒާރު ދީފައެވެ.