ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތަކުގެ ބޮޑުބައި ވަކި ޤައުމެއްގެ ބަޔަކަށް މިލްކުވިޔަ ނުދިނުމަށްޓަކައި، ބޭރުގެ ވަކި ޤައުމަކަށް އެންމެ ގިނަވެގެން ގަނެވޭނީ 25 އިންސައްތަ ކަމަށް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް 25 އިންސައްތައިގެ ލިމިޓެއް ކަނޑައެޅި ނަމަވެސް، ދިވެހި ރައްޔިތުން އެތަނުން ތަންތަން ގަތުމުގައި އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ ކަމަށެވެ.

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، 1،000 އަކަފޫޓުގެ ތަނެއް ވިއްކުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 600،000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) ކަމަށެވެ. އަދި މިއީ ރާއްޖޭގެ މެދުފަންތިއާއި މަތީފަންތީގެ ގިނަ ރައްޔިތުންނަށް އަތްފޯރާނެ އަގެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢުން ޕްރޮޕަޓީ ގަތުމަށް މިހާރުވެސް ޝައުޤުވެރިކަން ފާޅުކުރަމުންދަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ނުވަތަ މެދުއިރުމަތީގެ އަރަބި އިސްލާމީ ޤައުމުތަކުގެ ފަރާތްތަކުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިޒްރޭލުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ޕްރޮޕަޓީއެއް ގަތުމާއި ހޯދުން ޤާނޫނުން މުޅިން މަނާވާނެ ކަމަށެވެ. އެހެންކަމުން، އިޒްރޭލާ ގުޅުވައިގެން އިދިކޮޅުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، މި ސަރުކާރުން އެފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ނިންމި ނިންމުމާއި ޤައުމިއްޔަތު އިއާދަކުރުމަށް ކުރާ މަސައްކަތްތަކުން ވެސް ހާމަވަނީ، ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނީ އަދި ޤައުމީ އަސާސްތަކާއި އިޖުތިމާޢީ ފޭރާމަށް ފުރިހަމައަށް ރިޢާޔަތްކޮށްގެން ހިންގާ މަޝްރޫޢެއް ކަމެވެ. އަދި މި މަޝްރޫޢުގެ ޤާނޫނީ ބިލު މަޖިލީހަށް ހުށަހެޅުމުން، މި ހުރިހާ ރައްކާތެރިކަމުގެ އިންތައް ސާފުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަޝްރޫޢުން ދަޢުލަތަށް ލިބޭ މަންފާ

ފުށިދިއްގަރުފަޅުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްގެ ގޮތުގައި 5،000 ހައުސިންގ ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އަގުހުރި) ސަރުކާރަށް ލިބިގެންދާނެއެވެ.

މީގެއިތުރުން، މި ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ އެސްކްރޯ އެކައުންޓަކަށް ކަމަށްވާތީ، ޤައުމަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް ބޮޑު ޙައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެސްއީޒެޑް (އެސްއީޒެޑް) ނުވަތަ ޓޫރިޒަމް ޤާނޫނުގެ ދަށުން އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، ޓީޖީއެސްޓީ ހިމެނޭހެން ދަޢުލަތަށް ލިބެންޖެހޭ ހުރިހާ ޓެކުހެއް ފުރިހަމައަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.