އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްޤީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބޮޑުބައި 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓާއަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން ލިބޭ ފައިސާގެ ތެރެއިން 500 މިލިއަން ޑޮލަރު ރިޒާވަށް ޖަމާކުރުމުގެ ބަދަލުގައި ހުޅުމާލޭގައި 5000 ހައުސިން ޔުނިޓު ތަރައްޤީކުރަން ނިންމެވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. މިއަންނަ އަހަރު މަސައްކަތް ފެށި، 2028 ވަނަ އަހަރުގެ އޯގަސްޓާ ހަމައަށް ދާއިރު އިމާރާތްތަކުގެ ސްޓްރަކްޗަރ ނިމި، ފިނިޝިންގއާއި އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަސައްކަތްތައް ނިމޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މި ފްލެޓުތަކަކީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރެވޭނެ ތަންތަނެވެ. އަދި ފްލެޓުތައް ދޭނެ އަގު ކަނޑައެޅުމުގެ އެއްވެސް ބާރެއް އީގަލް ހިލްސްއަށް ނޯންނާނެ ކަމަށާއި، ފްލެޓު ލިބޭ ފަރާތްތައް ކަނޑައަޅާނީ ސަރުކާރުން ކަމަށް ވިދާޅުވިއެވެ. މިގޮތުން ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިން އަދި ސިވިލް ސާވިސް ހިމެނޭހެން ތަފާތު ދާއިރާތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެއެވެ.
މީގެއިތުރުން، ހުޅުމާލޭގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއެކު ޖުމްލަ 10،000 ހައުސިން ޔުނިޓު ތަރައްޤީވާނެ ކަމަށާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓާއެކު މި ދައުރުގެ ތެރޭގައި މާލެ ސަރަހައްދަށް ޖުމްލަ 16،000 ހައުސިން ޔުނިޓު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.