އަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަދެއްކުމުގެ (ބަހުސް) މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ. މިއަހަރުގެ މުބާރާތް ޚާއްޞަކޮށްފައިވަނީ "މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިޢާރުގެ މައްޗަށެވެ.

މި ބަހުސް މުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އަމިއްލަ ގޮތުން ޓީމު ހަދައިގެން ވާދަކުރަން އެދޭ ފަރާތްތަކަށްވެސް މި ފުރުޞަތު އޮންނާނެއެވެ. މުބާރާތުގެ ޤަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭއިރު، ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ޓީމުގައި ހިމެނިދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މި މުބާރާތުން އެންމެ މޮޅު 3 ބަހުސްކުރުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު 3 ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. އެހެންކަމުން، މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އެ މުއްދަތުގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.