ގދ. ފަރެސްމާތޮޑާ ގެއެއްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، މީހަކަށް ކޮންމެވެސް ވަރަކަށް އަނިޔާވެ ގޭގެ ގިނަ ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ މެދު ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަލިފާން ރޯވާން މެދުވެރިވީ އެ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:15 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، ފަޔާ އެންޑް ރެސްކިއު ސާވިސް އަދި ރަށު ކައުންސިލާ ގުޅިގެން ވަނީ އަލިފާންގަނޑު މުޅިން ނިއްވާލައިފައެވެ.
މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގެއަށް ވަނީ ވަރަށް ބޮޑަށް އަލިފާނުގެ އަސަރުކޮށް، ގޭތެރޭގައި ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.