ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން 33 މީހުން ވަގުތީ ބޯހިޔާވަހިކަމަށް އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި، މި ހާދިސާގައި ޖުމްލަ 5 ގޭބިސީއަށާއި، 4 ވޯކްޝޮޕް/ގުދަނަކަށް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. އޭގެ ތެރެއިން އެއްގޭބިސީއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ފުނަދޫ ހޮސްޕިޓަލުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 20 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އަލިފާނުގެ ސީދާ އަސަރުކޮށްގެން ފަރުވާ ދިން 8 މީހުންނާއި، ދުމުގެ އަސަރުކުރި 2 މީހުން އަދި އެހެނިހެން އަނިޔާތައް ލިބުނު 10 މީހުން ހިމެނެއެވެ.
ހޮސްޕިޓަލުން ބުނީ މިއަދު މެންދުރު 2:30 އާ ހަމައަށް އެކަކު ފިޔަވައި އަނިޔާވި ހުރިހާ މީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މިހާރު ފަރުވާދެމުންދާ މީހާއަކީ، އަލިފާނުގެ އަސަރުކުރުމުގެ ސަބަބުން ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ފަރުވާދެމުންދާ މީހެއް ކަމަށާއި، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.